Friday, October 24, 2008

ޤައުމީ ފަޚުރަށްޓަކައި މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެސް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދަމާ

އަންގާރަ ދުވަހަކީ މައުމޫނުގެ ޝެޑިއުލްގައި ޚާއްސަ ކަންކަން ކުރުމުގައި އިގްނޯ ކުރާ ދުވަހެއްކަން ފާހަގަކުރެވޭނީ ދިރާސާއެއް ކުރި މީހަކަށެވެ. މިއޮކްޓޯބަރ މަހުގެ 28 ވާ އަންގާރަ ދުވަހު މިއޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީ، ދިވެހިރާއްޖޭގެ ޒަމާންވީ ތާރީޚުގައި ވަރަށް ޚާއްސަ ވަރަށް މުހިންމު ހިނދުކޮޅެކެވެ. މައުމޫނުގެ އިންޞާފެއްނެތް 30 އަހަރުގެ ވެރިކަމުން މިންޖުވާން ދިވެހި ރައްޔިތުންނަށް ލިބޭ އަގުނުކުރެވޭނެ ފުރުޞަތެކެވެ. އޭގެ އިތުރަށް ޑިމޮކްރަސީގެ މަތިވެރި ނަމޫނާއެއްގެ ފަޚުރުވެރި ލަޤަބު ދިވެހިރާއްޖެއަށް ލިބި، ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ފުރުޞަތު ދިވެހިންނަށް ލިބޭނެ ފުރުޞަތެކެވެ.

ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަދި ތިރީސް އަހަރު ވެރިކަން ކޮށްފައި ހުރިމީހަކު އިންތިޚާބަކުން ބަލިވެފައެއް ނެތެވެ. މިފަހަރުގެ އިންތިޚާބުގައި މައުމޫން ބަލިކުރެވިއްޖެނަމަ، އެވެގެންދާނީ ދުނިޔޭގެ ތާރީޚުގައި މެދުނުކެނޑި މިހާ ގިނަ ދުވަހު ވެރިކަންކޮށްފައިވާ މީހަކު، 90% ވުރެ މަތިން ވިދިވިދިގެން 6 ދައުރު އިންތިޚާބު ކާމިޔާބުކޯށްފައިވާ މީހެއްގެ ވެރިކަން، އިންތިޚާބަކުން ބަލިވާ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ދުނިޔޭގެ ރެކޯޑް ފޮަތަށް އަރާނެ ކަމެކެވެ. އޭގެ އިތުރަށް ދިވެހިރާއްޖެ އަށް ޑިމޮކްރަސީގެ އަލިވިލިއްޖެ ކަމަށް މުޅި ދުނިޔެ ހެކިވާނެ ހުއްޖަތަކަށް އެކަން ޥާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޙުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ނަމޫނާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި ދިވެހިރާއްޖޭގެ ނަން ރަންއަކުރުން ފެވިގެންދާނެ ފުރުޞަތަކަށެވެ.

ވުމާއެކު މި ރީތި ފަޚުރާއި ޝަރަފު ދިވެހި ޤައުމަށް ލިބިދިނުމަށްޓަކައިވެސް މައުމޫނުގެ ވެރިކަން ނިންމުމަށް،މި އޮކްޓާބަރ މަހުގެ 28 ވާ އަންގާރަ ދުވަހު، ވަޠަން އެދޭ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް މުޙައްމަދު ނަޝީދު، އަންނި އަށް، ޤައުމީ ރޫޙުގައި ވޯޓު ދިނުމަކީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ކޮންމެ ދިވެއްސަކުވެސް ޤައުމަށް ކޯށްދެވޭނެ އަގުނުކުރެވޭނެ ޚިދުމަތެކެވެ.

ވަޠަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާންދޭން
ވަޠަންގެ އާ ޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން
ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތި ނަން
ވަމާހެ ދާ ބައެއް ކަމަށް ހިތާއެކީ މިރޫޙު ދޭން

Share/Save/Bookmark

No comments: