ދިވެހިރާއްޖޭގެ ތާރީޚުގައި ރިޔާސީ އިންތިޚާބުގެ އަލަތު ދެވަނަ ބުރެއް ބޯމަތިވަމުން އަންނައިރު އެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ކޮލިފައިވެވަޑައިގެންފައިވާ ތިރީސް އަހަރުވީ އިންސާފެއްނެތް ސަރުކާރުގެ އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް އާއި ވާދަކުރައްވަމުން ގެންދަވާ، ވަތަންއެދޭ އިއްތިހާދުގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދު، އަންނި އަށް ވޯޓު ދޭންވީ އެންމެ މުޙިއްމު ސަބަބު ޑީއާރުޕީގެ ޒައީމް ހާމަކުރައްވައިފިއެވެ.
އިހަށްރޭ ސިޔާސީ ފެންޑާގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޒަޢީމް މައުމޫނު ވަނީ މައުމޫނު އާއި އަންނި އާއި ދެބޭޅުން ކުރެ، ތަފާތު ވިސްނުންތަކުގެ ޚިޔާލު ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅަކަށް ވޯޓު ލެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މިއީ ހަޤީޤަތުގައި މައުމޫނު ވިދާޅުވިޔަސް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނާންވީ ކަމެކެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައުމޫނަށް ވޯޓު އެޅި ރައްޔިތުން ނެވެ.
މިރާއްޖޭގެ ސިޔާސީ ބިމުން މިއަދު ފެންނަ ހަޤީޤަތަކީ ތަފާތު ވިސްނުމާއި ތަފާތު ޚިޔާލަށް ޖާގަ އޮންނާނީ އަންނިގެ ވެރިކަމެއްގައި ކަމެވެ. ތަފާތު ވިސްނުމާއި ތަފާތު ޚިޔާލުގެ ލީޑަރުން ތިއްބެވީ ވަތަން އެދޭ އިއްތިހާދުގައި ކަމެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، ޤައުމީ އިއްތިހާދު (ޕާޓީ)، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް، ދިވެހި ޤައުމީ ޕާޓީ (ޑރ.ހަސަން)، އަދި ސޯޝަލް ލިބަރަލްޕާޓީ މިއަދު މިވަނީ މުޙައްމަދު ނަޝީދުގެ ފަހަތުގައި ފައިތިލަ ޘާބިތުކުރައްވާފައެވެ. މިޕާޓީތަކުގެ ވިސްނުން ތަފާތެވެ. ނަމަވެސް ވަތަން އެދޭ އިއްތިހާދުގެ ކެނޑިޑޭޓް، އަންނި އެގެންދަވަނީ މިދެންނެވި ތަފާތު ޚިޔާލުގެ ތަފާތު ވިސްނުމުގެ ޕާޓީތަކާއި ގުޅިގެން ވަތަން އެދޭ ގޮތަށް މަސައްކަތް ކުރައްވަމުންނެވެ.
މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ޕީޕަލްސް އެލަޔަންސް، ރީކޯ އިބްރާހީމް މަނިކުގެ އެމްއެސްޑީޕީ، ވެރިއަކު ފެންނާންނެތް ޕީޕަލްސް ޕާޓީ، އަދި ނުއުފަންނަ ފަގީރުކަން ނައްތަލާ ޕާޓީ އާއި ޑީއާރުޕީއަކީ ތަފާތު ބޯތަށީގައި ހުއްޓަސް ހަމަ އެއްރިހައެކެވެ. އެއީ ޑީއާރުޕީގެ ގޮފިތަކެކޭ ބުންޏަސް ދޮގަކަށް ވާކަށް ނެތެވެ.
ޤާސިމް އިބްރާހީމް އާއި ޑރ.ހަސަން ސައީދު ފަދަ މެދުމިނުގެ ސިޔާސަތުތަކަށް ލޯބިކުރައްވާ މަޑުމައިތިރި އިޚްލާސްތެރި ބޭފުޅުން މައުމޫނު ދޫކުރައްވައި އަންނިއާ ގުޅިވަޑައިގަތުމުން އެކަނިވެސް ތަފާތު ޚިޔާލުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރެއްވުމުގައި މައުމޫނު ފޭލްވެވަޑައިގެންފައިވާކަން ދޭހަ ވެއެވެ.
ކުރިއަށް މިއޮތް އިންތިޚާބުގައި އެއްވެސް ފަރާތަކުން ވޯޓު ހިލާލައިފިނަމަ، މި ދިވެހި ޤައުމު "އަތްގަދަ" ފަސްއަހަރެއްގެ ތެރެއަށް ވެއްޓިގެން ދިޔަނުދޭން، ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ރައްޔިތުން ލިބިގަތުމަކީ ޤާނޫނުއަސާސީގެ ރޫހެވެ. އެހިނދު މައުމޫނުގެ "އަތްގަދަ" ކަމުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފަހައްޓާން އުޅުއްވައިފިނަމަ މިޤައުމުގެ ދާޚިލީ ހަމަނުޖެހުން އާއުސްމިނަކަށް އަރައިގެން ގޮސްދާނެއެވެ. މިނިވަން އިންސާފުވެރި ވޯޓަކަށްފަހު ވަތަން އެދޭ އިއްތިހާދުގެ ކެނޑިޑޭޓް، އަންނި އިންތިޚާބު ކާމިޔާބުކުރެއްވުމުން ޤައުމަށް މާސިންގާ ލޮޅުމެއް ނާންނާނެއެވެ. އަންނި އިންތިޚާބު ކާމިޔާބު ކުރެއްވުމުން އަންނާނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. ޙުދުމުހުތާރު ޒަމާންވީ އިންސާފެއްނެތް އަނިޔާވެރި ކަމަކުން ޑިމޮކްރަސީއަކަށް ވާސިލްވުމުގައި ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކަށް ޖާގަ ލިބުމަކީ ޤައުމުގެ މަޞްލަހަތެވެ.
އިހަށްރޭ ސިޔާސީ ފެންޑާގައި މައުމޫނު ވިދާޅުވީ މައުމޫނަށް ވޯޓު ނުދޭންވީ އެންމެ މުޙިއްމު ސަބަބެވެ. ތަފާތު ވިސްނުމުގެ މީހުންނާ ގުޅިގެން މަސައްކަތްކުރެއްވޭނެ ކެނޑިޑޭޓަކީ މުޙައްމަދު ނަޝީދު އަންނި ކަމަށް މިރާއްޖޭގެ ސިޔާސީ ބިން ހެކިވެއެވެ. އެހެންކަމުން ހަމަނުޖެހުމުގެ އިތުރު އުސްމިނަކަށް ފުރުސަތު ނުދީ، މައުމޫނު އެހުންނެވި އުސްމިނުން ހަމަބިމަށް ތިރިކޮށް، ދިވެހި ޤައުމުގެ މަޞްލަހަތަށްޓަކައި، އަންނިއަށް ވޯޓު ދިނުމަށް ދިވެހި ޤައުމުދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ވަޞިއްޔަތް ކުރަމެވެ.

No comments:
Post a Comment